އޭ.އެފް.ސީ ޗެލެންޖުކަޕަށް ކޮލިފައިވުމަށް މާލޭގައި ކުޅުނު ފަހު މެޗުގައި ބޫޓާން އަތުން 5-0ން މޮޅުވުމަށްފަހު ޤައުމީ ޓީމުގެ ކުޅުންތެރިޔަކާ އަޅުގަނޑު ވާހަކަދައްކާލީމެވެ. ޢަލީ އަޝްފާޤުގެ ނަން ނުގެނެސް މިހާރު ޤައުމީ ޓީމުގެ ނުވަތަ ދިވެހި ފުޓުބޯޅައިގެ ވާހަކައެއް ނުދެއްކޭނެއެވެ. އެހެންކަމުން އެކުޅުންތެރިޔާވެސް ބުނަނީ އަޝްފާޤު އެކުޅޭ ކުޅުން ދެއްކޭނެ ދެވަނަ ކުޅުންތެރިޔަކު ރާއްޖޭގައި ނެތްކަމަށެވެ. އަޝްފާޤުގެ ސްޕީޑާއި ބޯޅަ ހިފެހެއްޓުމާއި ނެއްޓުންތަކާއި ޖިސްމާނީ ވަރުގަދަކަން ވަނީ ދިވެހި އަދި މި ސަރަހައްދުގެ އެހެން ކުޅުންތެރިޔަކާ އަޅައިކިޔައިލެވޭ ވަރަށްވުރެ މާ މަތީގައެވެ. ޕޯޗުގީޒުގެ ކޯޗު މެނުއަލް ގޯމޭޒު ރާއްޖޭގެ ޤައުމީ ޓީމާ ހަވާލުވުމަށް 2003ގެ ފަހުކޮޅު މާލެ އައިސް ގަލޮޅުދަނޑުގައި އޭނާއަށް ފުރަތަމަ ބަލައިލަން ލިބުނީ ޢަލީ އަޝްފާޤު ކުޅުނު މެޗެކެވެ. ޕޮމިސްކަޕުގައި 2003ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 21ވަނަ ދުވަހުގެ ރޭ ނިއުރޭޑިއަންޓު ކޮޅަށް 3 ލަނޑުޖަހައި އަޝްފާޤު ހެޓުރިކް ހެދީ ވަރަށް މޮޅު ކުޅުމެއް ތަމްސީލުކޮށްފައެވެ. އޭރު އުމުރުން އެންމެ 18 އަހަރުގެ ފޯވާޑުގެ ހުނަރާމެދު އެ މެޗަށްފަހު ރޮސްޓްރަމުން ކޯޗު ފޭބިގަޑީގައި އަޅުގަނޑު ސުވާލުކުރީމެވެ. ގޯމޭޒު ބުނީ އެ އުމުރުގައި އެ ހުނަރުހުރި އަދި އެ ދުވަހު އެ ދެއްކި ވަރުގެ ކުޅުމެއް ޔޫރަޕުގެ ޤައުމެއްގެ ކުޅުންތެރިޔަކު ދައްކާނަމަ އޭނާގެ އުމުރުން އެންމެ 25 އަހަރުވާއިރު ދުނިޔޭގެ ތަރިއަކަށް ވެސް ވެދާނެކަމަށެވެ. އަޅުގަނޑު ހައިރާންވިއެވެ. އަޅުގަނޑު އުފާވިއެވެ. އަޅުގަނޑު ފަޚުރުވެރިވިއެވެ. އެކަމަކު ޒުވާންކުޅުންތެރިޔާއާ އަޅުގަނޑާ ކޮންކަމެއްހެއްޔެވެ؟ އަޝްފާގާ އަޅުގަނޑާދެމެދު ޢާއިލީ ގާތްކަމެއް، ރަޙްމަތްތެރިކަމުގެ ގުޅުމެއްނެތެވެ. އެކަމަކު އޭރު ކުޅިވަރު ކަވަރުކުރި ނޫސްވެރިއެއްގެ ހައިސިއްޔަތުން ފުޓުބޯޅައިގެ ތެރެއިން އެކަކު އަނެކަކު ދެނެގަތުމުގެ ފާލަމެއް އެޅިފައިއޮތެވެ. ގޯމޭޒު ބުނި އެއްޗަކުން އަޅުގަނޑު ހައިރާންވީ ރާއްޖެ ކަހަލަ ކުޑަ، އަދި ފުޓުބޯޅައިގެ ޗާޓުގެ އެންމެ ދަށުގައި އުޅޭ އެއް ސަރަހައްދަށް ނިސްބަތްވާ ޤައުމަކުން ދުނިޔޭގެ ފެންވަރުގެ ހުނަރެއް ފައްކާވަމުން އަންނާތީއެވެ. އަޅުގަނޑު އުފާވީ މުޅި ރާއްޖޭގެ ނަޒަރު ހުއްޓޭވަރުގެ ކުޅުންތެރިޔަކު އުފެދޭތީއެވެ. އަޅުގަނޑު ފަޚްރުވެރިވީ ބޭރު ދުނިޔޭގައި ރާއްޖޭގެ ނަން އާއްމުކޮށްފާނެ އުއްމީދެއް އުފަންވީތީއެވެ. ގޯމޭޒަކީ ޕޯޗުގަލްގައި ޒުވާން ކުޅުންތެރިން އުފެއްދި، އެ ޤައުމުގެ ޤައުމީ ޓީމުގައި މަސައްކަތްކުރި އަދި ހުނަރުވެރިން ދެނެގަނެވޭނެ ތަޖުރިބާއާއި ވިސްނުން ލިބިފައިވާ ކޯޗެކެވެ. އޭރު ދިވެހި ފުޓުބޯޅައިގެ ބައެއް އޮފިޝަލުން ބުނިގޮތުންނަމަ ގޯމޭޒުފަދަ ކޯޗަކު ރާއްޖެ އައުމަކީ ވަރަށް ނުވާނެ ކަމެކެވެ. އެންމެ ރަނގަޅެވެ. އޭނާ އައިސް ރާއްޖޭގެ ޤައުމީ ޓީމު ހާނުވާލިއެވެ. ވޯލްޑުކަޕް 2002ގެ ސެމީ ފައިނަލު ކުޅުނު ދެކުނު ކޮރެޔާއާއި އެއްވަރުކުރި ތާރީޚީ މެޗު ކުޅުނީ އޭނާގެ ކޯޗުކަމުގެ ދަށުގައެވެ. އެކަމަކު އޭނާ އެންމެ ހިތްކީ، އަދި އޭނާގެ އެންމެ ބޮޑު އުއްމީދެއް ގުޅިފައި އޮތީ އަޝްފާޤާއެވެ. އަޝްފާޤުގެ ކުޅުން މޮޅުވަމުން ފޯދެމުން އައީ ހަލުވިކަމާއެކުގައެވެ. ގޯމޭޒު ބޭނުންވީ އޭނާގެ ޤައުމުގެ ޓީމަކާއެކު ފަރިތަކުރުމުގެ ފުރުސަތު އަޝްފާޤަށް ހޯދައިދޭށެވެ. އެގޮތުން ގޯމޭޒު އެނބުރި ޤައުމަށްގޮސް އޭރު ޕޯޗުގަލް ލީގުގެ އެއްވަނައިގައި އޮތް ބެންފީކާއާއެކު ތިން މަސްދުވަހު ތަމްރީނު ހެދުމުގެ ފުރުސަތު ތަނަވަސް ކޮށްދިނެވެ. އަދި ޕޯޗުގަލަށް ދިއުމަށްޓަކައި ވިސާ ހޯދުމުގެ ގޮތުން ޝާހު އިސްމާލާއެކު ޕާކިސްތާނަށްވެސް އަޝްފާޤު ފޮނުވައި ޕާސްޕޯޓުގައި ވިސާވެސް ޖެއްސިއެވެ. ބެންފީކާ ކަހަލަ ޔޫރަޕުގެ މަޝްހޫރު ޓީމަކާއެކު ފަރިތަކުރުމުގެ ފުރުސަތު ދިވެހި ކުޅުންތެރިއަކަށް ލިބުމަކީ ކުޑަކަމެއް ނޫނެވެ. އަޝްފާޤުގެ ހުނަރު ދެން ބަދަލުވާނީ ކޮން ފެންވަރަކަށްކަން އެކަކަށްވެސް ނޭނގެއެވެ. އަންދާޒާ ކޮށްލަންވެސް އުނދަގުލެވެ. އޭނާގެ ހުނަރަށް އަތުވެދާނެ ތަރައްޤީއަކަށްވުރެވެސް ބޮޑަށް އޭރު އަންދާޒާ ނުކުރެވުނީ ޙަޤީޤަތުގައި ގޯމޭޒު ހޯދައިދިން ފުރުސަތު އަޝްފާޤު ބޭނުން ނުކޮށްފާނެކަމާ މެދުގައެވެ. އެއީ 8 މޭ 2005އެވެ. އެދުވަހު ހެނދުނު އެފް.އޭ.އެމްގައި ބާއްވަން އޮތީ މޭ 12ގައި އަޝްފާޤު ޕޯޗުގަލަށް ފުރާ ވާހަކަ އިޢުލާނުކުރުމުގެ ކުޑަ ރަސްމިއްޔާތެކެވެ. އެކަމަކު ނޫސްވެރިންގެ ބައްދަލުވުން ފަށަން އޮތް ގަޑިފަހަނައަޅައި އެތައް އިރެއް ވީއިރުވެސް އަޝްފާޤު ދައްކައެއް ނުލިއެވެ. އޭނާ ގެނައީ އެފް.އޭ.އެމްގެ އޮފިޝަލް ޝާހު، އަޝްފާޤުގެ ގެއަށް ގޮހެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ދިވެހީންގެ އުއްމީދީ ކުޅުންތެރިޔާ ބުނީ "މިދުވަސްވަރު ކަންތައް ހުރި ގޮތުން ދާންބޭނުން ނުވަނީ" ކަމަށެވެ. އަޝްފާޤުގެ މި ނިންމުމުގެ ޙަޤީޤީ ސަބަބެއް އަދިވެސް ނޭނގެއެވެ. އެއްވެސް ޝައްކެއްނެތްގޮތުގައި އަޝްފާޤުވަނީ، ގޯމޭޒަށާއި މުޅި ރާއްޖެއަށް އަދި ދެކުނު އޭޝިޔާގެ ފުޓުބޯޅައަށް އޭނާއަކީ އާދައިގެ ކުޅުންތެރިއެއް ނޫންކަން ސާބިތުކޮށްދީފައެވެ. މިދިޔަ އަހަރު ރާއްޖެއާއި ސްރީލަންކާގައި އޮތް ސާފް ޗެމްޕިއްންޝިޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު އަޝްފާޤު ހޯދީ އާންމު ބަހުރުވައިންނަމަ "ވަޔަކުންނެއް" ނޫނެވެ. ރަސްމީ ބަހުރުވައިންނަމަ އޭނާގެ މޮޅު ހުނަރުންނެވެ. ފައިނަލް މެޗުގައި އިންޑިޔާގެ ދިފާޢި ކުޅުންތެރިޔަކު އުޅަނބޮށިން އަޝްފާޤުގެ މޫނުމައްޗަށް ފޮނުވައިލި ހަމަލާއަކީ، ލެއާއި ތަދާއެކު އޭނާ ދަނޑުން ބޭރުކޮށް، އިންޑިޔާއަށް މެޗު ހޯދައިދިނުމުގެ ދަނޑުމަތީ އުކުޅެކެވެ. އެކަމަކު އިންޑިޔާގެ ކުޅުންތެރިޔާއަށް އެކަން ކާމިޔާބުވިޔަ ނުދިނީ އަޝްފާޤުގެ ވެސް ހިތްވަރުންނެވެ. އަޅުގަނޑު ހިތަށް އަރަނީ އެ ހިތްވަރު ހޯދައިގެން އަޝްފާޤު ބެންފީކާއަށް ނުދިޔައީ ކީއްވެބާވައެވެ؟ ޙަޤީޤަތުގައި މިއީ މި ސަރަހައްދުގައި ފުޓުބޯޅަ ކުޅޭންޖެހޭ ފެންވަރަށްވުރެ މާމަތީ ހުނަރެއް ލިބިފައިވާ ކުޅުންތެރިއެކެވެ. އަޝްފާޤަށް ލިބުނު ފުރުޞަތު ދޫކޮށްލުމުން އޭރުވެސް، އިއްޔެވެސް އަދި މިހާރާއި މާދަމާވެސް އަޅުގަނޑު ހިތާމަކުރަންޖެހެނީ އެ ސަބަބާހުރެއެވެ. 30 އެޕްރީލް 2009ގެ ހަވީރު ނޫހުންނަގާފައި